ސޫރަތް:
1
އާޔަތް:
1
ޖުޒް:
1

تنبيه عن العقيدة - އަގީދާއާ ބެހޭ ނޯޓެއް

قال حمد بن عتيق: واعلم أرشدك الله أن الذي جرينا عليه، أنه إذا وصل إلينا شيء من المصنفات في التفسير، وشرح الحديث، اختبرنا واعتبرنا معتقده في العلو والصفات والأفعال. - الدرر السنية في الأجوبة النجدية 13/28

ޙަމަދު ބިން ޢަތީގު ވިދާޅުވިއެވެ: އަދި ދަންނާށެވެ. - ﷲ ތިބާއަށް އިރުޝާދު ދެއްވާށީއެވެ. – އެ ގޮތެއްގެ މަތީގައި އަހަރުމެން ކަންތައް ކުރަމުން އައި ގޮތަކީ، ތަފްސީރު ނުވަތަ ޙަދީޘް ޝަރަހައިގެ ފޮތްތަކުގެ ތެރެއިން އެއްވެސް އެއްޗެއް އަހަރުމެންނާ ހަމައަށް ވާސިލުވެއްޖެ ނަމަ، (ﷲ) އުޑުގެ މަތީގައި ވުމާއި، (އެ އިލާހުގެ) ސިފަފުޅުތަކާއި، އަމަލުފުޅުތަކާމެދު އެ ފޮތެއްގައި އަގީދާ ހުރި ގޮތެއް އަހަރުމެން އިމްތިހާނުކޮށް ބަލައިހަދަމެވެ.


اسم الكتاب: ترجمة التفسير الواضح الميسر - لمحمد علي الصابوني الأشعري

Name of the Book: Translation of Tafsir al-Waadih al-Muyassar by Muhammad Ali as-Soabuni al-Ash'ari - Dhivehi

ފޮތުގެ ނަން: ބަޔާންވެގެންވާ ފަސޭހަ ތަފްސީރު | ލިޔުނީ: މުޙައްމަދު ޢަލީ އައްޞާބޫނީ އަލްއަޝްޢަރީ

އަސްލު ދިވެހި ވެބް ވާޝަން | އަސްލު އަރަބި ފޮތް

ނޯޓު: މި ފޮތުގައި ތަފްސީރު ބައިގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާ އައިސްފައިވާ ސަބަބަކީ، މި ފޮތް ފާސްކުރަން ލީ އިރު، އިސްލާމިކް މިނިސްޓްރީއިން އެ ފަދައިން ކަންކުރަން އަންގާފައި ވާތީއެވެ.

މި ތަފްސީރުގެ ވެބް ވާޝަން ނެރުން އިރު، ނެރެފައި ވަނީ އެކިކަހަލަ ކުށްތަކާ އެކުގައެވެ. އެ ގޮތުން އާޔަތާއި ތަރުޖަމާ ވެއްޓިފައި ހުރުމާއި، ތަކުރާރުވެފައި ހުރުމާއި، ނުގުޅޭ ތަންތަން އައިސްފައި ހުރުމާއި، ތަރުޖަމާ ތަފްސީރަށް ވުމާއި، ތަފްސީރު ތަރުޖަމާއަށް ވުން ހިމެނެއެވެ.


"The text presented here is exclusively for research and educational purposes. It is intended for non-commercial fair use only."


ތަރުޖަމާގެ މުގައްދިމާތައް

بِسمِ ٱللَّهِ ٱلرَّحمَٰنِ ٱلرَّحِيمِ

ޤާސިމް އިބްރާހީމްގެ ބަޔާން

اَلْحَمْدُ للهِ الَّذِي أَنْزَلَ الْقُرْآنَ هُدًى وَنُوْرًا لِلْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى رَسُوْلِنَا مُحَمَّدٍ الَّذِي بَيَّنَ لَنَا الْقُرْآنَ الْعَظِيْمَ. وَعَلَى آلِهِ وَأَصْحَابِهِ وَالتَّابِعِيْنَ. آمِيْن.

ފަހެ، التَّفِسِيْرُ الْوَاضِحُ الْمُيَسَّرُ (قُرْآن تَفْسِيْرُ) ދިވެހިބަހަށް ތަރުޖަމާކޮށް ދިވެހީންނަށް ފޯރުކުރުމުގެ މި މަތިވެރި މަސައްކަތް ކުރުމުގެ ނިޢުމަތް، މާތްﷲ އަޅުގަނޑަށް މެދުވެރި ކުރެއްވި ސަބަބަކަށްވީ، ސަޢޫދީ ޢަރަބިއްޔާގެ وَزِيْرُ الْحَجِّ وَالْعُمْرَة ގެ މަޤާމުގައި 1999 އިން 2005 ވަނަ އަހަރުގެ ފެބުރުވަރީ 14 ވަނަ ދުވަހާ ހަމައަށް ހުންނެވި السَّيِّدُ إِيَادُ بُنُ أَمِيْنُ مَدَنِي އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް، ދެއްވި ދަޢުވަތަކަށް 1425 ވަނަ އަހަރު އަޅުގަނޑު ކުރި ޙައްޖު ދަތުރެވެ. އެ ޙައްޖު ދަތުރުގެ ތެރޭގައި، މަދީނާގައި ހުންނަ ކީރިތި قُرْآن ޗާޕުކުރާ ޗާޕުޚާނާ އަޅުގަނޑަށް ދައްކަވައި ލެއްވުމަށް، ރަސްމީ ވެހިކަލްގައި އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ ހަމަޖައްސަވައި ދެއްވި ފުރުޞަތުގައި އެތަނަށް އަޅުގަނޑުމެން ދިޔައިރު، އަޅުގަނޑުމެނަށް އެތަން ދެއްކެވުމަށް ވެސް ޚުދު، السَّيِّدُ إِيَادُ بُنُ أَمِيْنُ مَدَنِي ހުންނެވިއެވެ. އެހެންކަމުން، އަޅުގަނޑުމެނަށް އެތަން ދައްކަވައި ލެއްވުމަށްފަހު، އެތަނުން ނުކުމެވަޑައިގެން އަޅުގަނޑުމެނާ ވަކިވެވަޑައިގެންނެވުމުގެ ކުރިން، އަޅުގަނޑުގެ އަތަށް "ބްރިފްކޭސް" އެއް ދިއްކޮށްލައްވާފައި އެއީ، އެމަނިކުފާނު އަޅުގަނޑަށް ދެއްވި ހަދިޔާއެއްކަމަށް ވިދާޅުވެ، އެ ބްރިފްކޭސް ހުޅުވައިލުމަށް ވިދާޅުވުމުން އަޅުގަނޑު އެ ބްރިފްކޭސް ހުޅުވައިލިއިރު އޭގައި އޮތީ، الشَّيْخُ مُحَمَّدُ عَلِى الشَّيْخُ جَمِيْلُ الصَّابُوْنِ الْحَلَبِي ގެ التَّفسِيْرُ الْوَاضِحُ الْمُيَسَّرُ މި (قُرْآن تَفْسِيْرُ) ފޮތެވެ. އަދި ތިޔައީ، މިވަގުތު ދުނިޔޭގައި އޮތް އެންމެ ކުރު، އެހެނަސް އެންމެ ތަފްޞީލުކޮށް شَرَحَ ކުރެވިފައިވާ ކީރިތި قُرْآن تَفْسِيْرُ ފޮތޭ ވެސް السَّيِّدُ إِيَادُ بُنُ أَمِيْنُ مَدَنِي ވިދާޅުވިއެވެ. އެހެންކަމުން، ހަމަ އެވަގުތުގައި މިފޮތް ދިވެހިބަހުން ތަރުޖަމާކޮށް ދިވެހީންނަށް ފޯރުކޮށް ދިނުމުގެ ޝައުޤުވެރިކަން އަޅުގަނޑުގެ ހިތުގައި އުފެދި، އެކަމަށް އަޅުގަނޑު ނިޔަތްގަތީމެވެ. އެއަށްފަހު، މިއީ، މި ދަތުރުގައި ތިމަން މަނިކުފާނާ ބައްދަލުވާނެ އެންމެ ފަހު ފަހަރޭ ވިދާޅުވެފައި السَّيِّدُ إِيَادُ بُنُ أَمِيْنُ مَدَنِي އަޅުގަނޑުމެނާ ސަލާމް ކުރައްވައި އަލްވަދާޢު ވިދާޅުވުމަށްފަހު އެތަނުން އަޅުގަނޑުމެނާ ވަކިވެވަޑައިގެންނެވުމުން، އަޅުގަނޑުމެން ވެސް ރާއްޖެ އައުމަށްޓަކައި އެތަނުން ސީދާ ޖިއްދާ އެއަރޕޯޓަށް ދަތުރުފެށީ، އެމަނިކުފާނު ދެއްވި ދަޢުވަތަށާއި މުޅި އެ ދަތުރުގައި އަޅުގަނޑުމެނާމެދު ބެހެއްޓެވި ގާތްކަމަށާއި، އަދާކުރެއްވި މެހްމާންދާރީއަށްޓަކައި އެމަނިކުފާނަށާއި ސަޢޫދީ ޢަރަބިއްޔާގެ ވެރީންނަށް ވެސް އިންތިހާ ދަރަޖައަށް ޝުކުރު އަދާކުރުމާ އެކުގައެވެ.

ފަހެ، ޤުރުއާން تَفْسِيْرُ ކަމުގައި ބުނެވޭ ބަހުގެ މުރާދީ ނުވަތަ މާނައަކީ، ކީރިތި قُرْآن ގެ رِسَالَةُ ޢާންމުންނާ ހަމައަށް ފޯރުކޮށް ދެއްވުމަށްޓަކައި، ދީނީ ޢިލްމުވެރީން އެބޭފުޅުންގެ ޢިލްމާއި ފަހުމުގެ އަލީގައި ބަޔާން ކުރައްވާ ޝަރަޙަ ކަމުގައިވީހިނދު، ދިވެހިބަހުން މި تَفْسِيْرُ ފޮތް ދިވެހީންނަށް ފޯރުކޮށް ދިނުމަކީ، ވަރަށް މުހިއްމު ކަމެއްކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވުނެވެ. އެގޮތުގެމަތީން، މާތްﷲ ގެ މަތިވެރި كَلَام ފުޅުގެ شَرَحَ އާއި فَهُمُ ވެރިކަން ދިވެހި ބަހުން تَرْجَمَة ކޮށްގެން ދިވެހީންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތް އަޅުގަނޑު މި ކުރީ ހަމައެކަނި ކީރިތިވަންތަ މާތްاللهُ سُبْحَانَهُ وَتَعَالَى ގެ وَجْهُ ފުޅަށްޓަކައެވެ. އެކަލާނގެ ރުއްސެވުމާއި ފުއްސެވުމުގެ މަތިވެރި ނިޢުމަތަށް އެދި ހުރެގެންނެވެ. ފަހެ، السَّيِّدُ إِيَادُ بُنُ أَمِيْنُ مَدَنِي އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާއަށް މި ޙައްޖު ދަތުރު ދެއްވުމަށް މެދުވެރިވި ސަބަބަކަށްވީ، އެމަނިކުފާނު ރާއްޖެ ވަޑައިގެން ”ރޯޔަލް އައިލެންޑް ރިސޯޓް“ ގައި ޗުއްޓީއެއް ވޭތުކުރެއްވި ދަތުރުފުޅުގައި އަޅުގަނޑާ ބައްދަލުވެ ވަރަށް ގާތް އެކުވެރިކަމެއް ޤާއިމުވެފައިވުމެވެ. އެ ޙައްޖު ދަތުރުގައި އަޅުގަނޑާއި އަޅުގަނޑުގެ މުޅި ޢާއިލާއާމެދު ވެސް މެހްމާންދާރީ އަދާކޮށްދެއްވީ އެކަމަށްޓަކައި ޝުކުރު އަދާކުރެވޭ މިންވަރަށް ވުރެވެސް މާ މަތީ ދަރަޖައެއްގައި ކަމުން، އެމަނިކުފާނުގެ ދީލަތިފުޅުކަން މި މަޤާމުގައި މި ފާހަގަކުރީ، މިފަދަ މަތިވެރި تَفْسِيْرُ ފޮތެއް ދިވެހިބަހަށް ތަރުޖަމާ ކުރެވުމުގެ ސަބަބެއް ކަމުގައި މެދުވެރިވި ބޭފުޅެއްގެ ޙައްޤުގައި އެއީ، ނުހަނު އައުލާ ކަމެއްކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީއެވެ.

އަދި އެމަނިކުފާނުގެ ދީލަތިފުޅުކަމުގެ ތެރެއިން، މުޅި ދަތުރުގައި ވެސް އަޅުގަނޑާއި ޢާއިލާއަށް ރަސްމީ ”ސެކިޔުރިޓީ“ ޚިދުމަތް ފޯރުކޮށް ދެއްވާފައިވުމާއި، ޙައްޖުދުވަހު އެމަނިކުފާނު ޢަރަފާތުގައި ހުންނެވި ރަސްމީ ފޭލިގެކޮޅަށް އަޅުގަނޑު ގެންދަވައި، އެ ތާނގައި އެދުވަހު ހުރުމުގެ ފުރުޞަތު ދެއްވާފައިވުމާއި، މިނާގައި އަޅުގަނޑާއި ޢާއިލާއަށް ޚާއްޞަ ޖާފަތެއް ދެއްވި ދެއްވުމާއި، ސަޢޫދީ ޢަރަބިއްޔާއާއި މައްކާއާއި މަދީނާގެ خَاصَّ مَوْقِعُ ތައް ދައްކަވައި ލެއްވުމަށް އަޅުގަނޑުމެނަށް ދެއްވި ފުރުޞަތާއި، މިފަދަ ކަންތައްތަކުން އެމަނިކުފާނުގެ ޚުލްޤުފުޅުގެ މަތިވެރިކަމާއި ހިތްޕުޅު ތިރިކަން ހާމަވެފައިމެ، މިފަދަ މަތިވެރިފޮތެއް ދިވެހިބަހަށް ތަރުޖަމާވެވުމުގެ ސަބަބަކަށް އެމަނިކުފާނު ވެވަޑައިގެންނެވި ކަމަށްޓަކައި، ކުރުނަމަވެސް އެމަނިކުފާނުގެ ތަޢާރުފަކާއި އެމަނިކުފާނުގެ ޚުލްޤުފުޅުގެ ވާހަކައިން އިޝާރާތެއް، މިފޮތް ތަރުޖަމާ ކުރާން މެދުވެރިވީ ސަބަބުތައް ބަޔާންކުރުމުގެ ތެރޭގައި ހިމަނައިލުމަކީ، ބޭނުންތެރި ކަމެއްކަމަށް އަޅުގަނޑަށް ފެންނާތީއެވެ. އެފަދަ ހުރިހައި ކަމަކަށްޓަކައި السَّيِّدُ إِيَادُ بُنُ أَمِيْنُ مَدَنِي މި تَفْسِيْرُ ފޮތް ދެއްވި ދެއްވުމަށާއި އަޅުގަނޑަށާއި ޢާއިލާއަށް ދެއްވި ޙައްޖުދަތުރާއި އެ ދަތުރުގައި އަދާކޮށްދެއްވި މަތިވެރި މެހްމާންދާރީއަށްޓަކައި، އެމަނިކުފާނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ހެޔޮ ދުޢާކޮށް، ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. ދެންފަހެ، އިސްވެ ބަޔާންވެދިޔަ ޙައްޖު ދަތުރުގެ ފަހުން، 1437 ވަނަ އަހަރު އަޅުގަނޑު ކުރި ޙައްޖު ދަތުރަކުން އެނބުރި މާލެ އައިއިރު، މއ. ލިނެޓް عبد الله رشيد އަށް ހަދިޔާއެއްގެ ގޮތުން އަޅުގަނޑު ގެނައި صَحِيْحُ مُسْلِمُ ގެ ފޮތްބައި އޭނާއާ ޙަވާލުކުރި ވަޤުތު، މި قُرْآن تَفْسِيْرُ ފޮތް (التَّفْسِيْرُ الْوَاضِحُ الْمُيَسَّرُ) ދިވެހިބަހަށް ތަރުޖަމާކޮށް ދެއްވޭފަދަ ބޭފުޅަކު ހޯއްދަވައި އެކަމަށް އެހީތެރިވެ ދެއްވުމަށް އެދުމުން، އެކަމުގައި އޭނާ އިސްނަގައި އަޅުގަނޑަށް ހުށަހަޅައިދެއްވީ، ރާއްޖޭގެ ޢާލިމުންގެ ތެރެއިން، ޢަރަބި ކަލާމަށާއި، ދިވެހިބަހަށް ވެސް ވަރަށް މޮޅު ޢިލްމުވެރިއެއް ކަމުގައިވާ އައްޑޫ ހިތަދޫ ޖަވާހިރުވާދީ الشَّيْخُ مُحَمَّدُ عَبْدُ الله އެވެ.

الشَّيْخُ مُحَمَّد عَبْد الله އަކީ، ސަޢޫދީ ޢަރަބިއްޔާގެ މަދީނާގައި ހުންނަ އިސްލާމީ ޔުނިވަރސިޓީ، اَلْجَامِعَةُ الإِسْلَامِيَّة އިން ޢަރަބި ބަހާއި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ކިޔަވާ ވިދާޅުވެ، ޢަރަބި ބަހުން ”އަލްއިޖާޒާ އަލްޢާލިޔާ“ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޢަރަބި ބަހުން ދިވެހި ބަހަށް ވަރަށް ގިނަ ލިޔުންތަކާއި ފޮތްތައް ތަރުޖަމާ ކުރައްވާ ބޭފުޅެކެވެ. ހިތަދޫގައި ހުންނަ ޙިރާ ސްކޫލުގެ ޢަރަބި މުދައްރިސުކަމާއި، ޢަރަބި ބަހުގެ އަދަބާއި ޤަވާޢިދު ކިޔަވައިދެއްވާ ”ލެކްޗަރަރ“ އެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ”ކެމްޕަސް“ ގައި މަސައްކަތް ކުރައްވާފައިވާ ޢިލްމުވެރި ބޭފުޅެކެވެ. އަދި الشَّيْخُ مُحَمَّد عَبْد الله އަކީ، އައްޑޫ ސިޓީ ހިތަދޫގައި ހިންގާ ޒިކްރާ ފައުންޑޭޝަންގެ ރައީސް ވެސް މެއެވެ. މިސްކިތްތައް ބިނާކޮށް، މަރާމާތުކޮށް ބެލެހެއްޓުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި 2014 ވަނަ އަހަރު ރަޖިސްޓަރީކުރި އެ ފައުންޑޭޝަން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތުމުގެ އިތުރުން، އެ ފައުންޑޭޝަން އުފެދުނީއްސުރެވެސް އެ ފައުންޑޭޝަންގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ ވެސް الشَّيْخُ مُحَمَّد عَبْد الله އެވެ. އެހެންކަމުން، 30 މުޙައްރަމް 1438 (31 އޮކްޓޯބަރ 2016) ގައި، ވިލާ ފައުންޑޭޝަނާއި الشَّيْخُ مُحَمَّدُ عَبْدُ الله އާ ދެމެދު، ވިލާ ފައުންޑޭޝަންގެ މައިއޮފީހުގައި، ފުރަމާލޭގައި އެގްރީމަންޓްކުރެވި މި قُرْآن تَفْسِيْرُ (التَّفْسِيْرُ الْوَاضِحُ الْمُيَسَّرُ) ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ މަސައްކަތް الشَّيْخُ مُحَمَّدُ عَبْدُ الله އާ ޙަވާލު ކުރީއެވެ. މިފޮތުން ދިވެހިބަހަށް ތަރުޖަމާ ކުރެވޭ ބައިތަކުގެ ޕްރޫފް ބައްލަވައި ބަހުގެ ހަމަޔާއި ޢިބާރާތާއި ލިޔުމުގެ އެހެނިހެން ވެސް ކަންކަން ބަހަވީ ހަމައިން ބެއްލެވުމުގެ އިތުރުން ތަރުޖަމާ ވެވޭ ބައިތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހަޅުއްވައިގެން ފާސް ކުރެއްވުމުގެ މަސައްކަތް الشَّيْخُ مُحَمَّدُ عَبْدُ الله ގެ ފަރާތުން އައްޑޫ މީދޫ ސައިރިޔަސް (ދަފްތަރު:8255) عياز جاد الله نسيم ހަމަޖެއްސެވިއެވެ.

عياز جاد الله نسيم އަކީ، ނޮވެލްޓީ ޢަލީ ޙުސައިންގެ އަރިހުގައި ފޮތްފޮތާއި ނޮވެލްޓީ ކަލަންޑަރުގެ ޕްރޫފް ބެއްލެވުމުގައި ގިނަ އަހަރުތަކެއް ވޭތުކުރެއްވުމުގެ ސަބަބުން ޕްރޫފް ބެއްލެވުމުގެ ދާއިރާއިން ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާއަކީ ރާއްޖޭގެ މިޒަމާނުގެ ބަހަވީ އަދީބުންގެ ތެރޭގައި ވެސް ވަރަށްއިސް ބޭފުޅަކަށް ވެވަޑައިގަތުމުގެ އިތުރުން، ގިނަ ބަސްބަހުގެ މުދައްރިސެއް ވެސް މެއެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ މެންބަރުކަމުގައި ވެސް 5 އަހަރުގެ 2 ދައުރު ފުރިހަމަ ކުރެއްވުމުގެ އިތުރުން، ބަސްކޮމިޓީގައި ވެސް ގިނަ އަހަރުތަކެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރު ވެސް އެ ކޮމީޓީގައި ހިމެނިވަޑައިގަންނަވާ ދިވެހި ބަހުގެ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އޭގެ އިތުރުން ވެސް عياز جاد الله نسيم އަކީ، مَعْهَدُ الدِّرَاسَاتِ الْإِسْلَامِيَّة އިން ފެށިގެން އެ އިދާރާގެ ނަން كُلِّيَّةُ الدِّرَاسَاتِ الْإِسْلَامِيَّة ގެ ނަމަށާއި، ފަހުން جَامِعَةُ الْمَالدِيْفِ الْإِسْلَامِيَّة ގެ ނަމަށް ބަދަލުވީ ފަހުން ވެސް، އެތާނގައި ޢަރަބި ކިޔަވައިދެއްވުމަށް مُدَرِّس އެއްގެ ގޮތުންނާއި ލެކްޗަރަރ އެއްގެ ގޮތުގައި 15 އަހަރަށް ވުރެ ގިނަދުވަހު އުޅުއްވާފައިވާ، އަދި އެވިޑް ކޮލެޖްގައި ވެސް ޢަރަބި ބަހާއި ދިވެހިބަހުގެ ލެކްޗަރަރ އެއްގެ ގޮތުގައި މިހާރުވެސް ޚިދުމަތްކުރައްވާ، މިފަދަ މަސައްކަތަކަށް ވަރަށް قَابِلُ ބޭފުޅެކެވެ.

އެހެނަސް، މިފަދަ ފޮތެއް ޗާޕު ކުރުމުގެ ކުރިން، އިތުރަށް ޕްރޫފް ބެލެވި ޕްރޫފް ކަށަވަރު ކުރުމަށްޓަކައި، ޕްރޫފް ބެއްލެވުމުގެ ރޮނގުން ރާއްޖޭގައި ނުހަނު ފުންނާބު އުސް ބޭފުޅެއް ކަމުގައިވާ އައްޑޫ މީދޫ އޯކިޑްމާގެ عبد الله عبد المحسن ވެސް ދެފަހަރެއްގެ މަތީން މި ފޮތުގެ ތަރުޖަމާގެ ޕްރޫފް ބައްލަވައި ދެއްވާފައިވެއެވެ. عبد الله عبد المحسن އަކީ، އާފަތިސް ނޫހުގައްޔާއި އަދި ކަލަންޑަރު ތަކުގެ ޕްރޫފް ބެއްލެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި ގިނަ އަހަރު ތަކެއް ވޭތުކުރެއްވުމުގެ ސަބަބުން އެފަންނުގައި ނުހަނު ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަދި ޢަރަބި ބަހާއި، ދިވެހި ބަހުގެ ހަމަތައް ވެސް ރަނގަޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރި ބޭފުޅެކެވެ.

ހަމަ އެފަދައިން، މިފޮތްބައިގެ ލޭޔައުޓް ތައްޔާރުކޮށް ދެއްވުމުގެ މަސައްކަތްޕުޅު ކުރެއްވީވެސް އެކަމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ލިބިވަޑައިގެން ހުންނެވި އައްޑޫ ފޭދޫ އާރާމުގޭ عَبْدُ الله نَعِيْمُ إِبْرَهِيْمُ އެވެ. އޭނާއަކީ އާފަތިސް ނޫހުގެ އެޑިޓަރުކަން ދިގު މުއްދަތެއްގައި ކުރެއްވުމުގެ އިތުރުން، ފޮތްފޮތް ލިޔުއްވުމާއި ލޭޔައުޓް ހެއްދެވުމާއި ލިޔުންތެރިކަމުގެ ރޮނގުގައިވެސް މޮޅު ބޭފުޅެކެވެ. ދިވެހިބަހާއި ޢަރަބި ބަހާއި އިނގިރޭސި ބަހަށްވެސް ފަރިތަ ބޭފުޅެކެވެ. ދިވެހިބަހަށް ފޮތްފޮތް ތަރުޖަމާ ކުރެއްވުމުގައި މަޝްހޫރު ބޭފުޅެކެވެ. ދެންފަހެ، އަޅުގަނޑުގެ ނިޔަތަކީ އަދި ދުޢާއަކީވެސް، މި تَفْسِيْرُ ގެ ސަބަބުން ދިވެހީންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ އިތުރަށް ވަރުގަދަ ކުރައްވައި، ދިވެހީންގެ ހިތްތަކުގައި، އިސްލާމްދީނުގެ މަތިވެރި ނޫރު އަބަދާ އަބަދުމެ ވިދާ ބަބުޅާފައި ހުރުމާއި މާތްވެގެންވާ އިސްލާމްދީން މަތީގައި އަބަދުވެސް ثَابِتُ ވެ ދެމިތިބުމުގެ تَوْفِيْقُ އަރަހުށި ހުސްޠާހިރުވަންތަ اللهُ سُبْحَانَهُ وَتَعَالَى އެންމެހައި ދިވެހީންނަށް މިންވަރުކޮށް ދެއްވުމެވެ.

އަދި މިފޮތުގެ مُصَنِّفُ، މަތިވެރި عَالِمُ އެއް ކަމުގައިވާ الْمَرْحُوْمُ الشَّيْخُ مُحَمَّدُ عَليِّ الشَّيْخُ جَمِيْلُ الصَّابُوْنِ الْحَلَبِي ގެ ފުރާނަފުޅަށް ރަޙްމަތް ލައްވައި މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން މިންވަރު ކުރައްވައި މަތިވެރި ވެގެންވާ ސުވަރުގެއަށް وَاصِلُ ކޮށް ދެއްވުމެވެ. އެފަދައިން السَّيِّدُ إِيَادُ بُنُ أَمِيْنُ مَدَنِي އަށާއި الشَّيْخُ مُحَمَّدُ عَبْدُ الله އަށް ވެސް މާތްاللهُ سُبْحَانَهُ وَتَعَالَى ގެ ރުއްސެވުމާއި ފުއްސެވުމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކޮށް ދެއްވުމެވެ.

ހަމަ އެފަދައިން، މިފޮތް ފާސްކޮށްދެއްވި ރަސްމީ حَيْثِيَّة އަށްޓަކައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ أحمد زاهر އަށާއި، މި تَفْسِيْرُ ފޮތް ފާސްކުރެއްވި ކޮމިޓީގެ އެންމެހައި މެންބަރުންނަށް ވެސް މާތް اللهُ سُبْحَانَهُ وَتَعَالَى ގެ ރުއްސެވުމާއި ފުއްސެވުމާއި ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރެއްވުމެވެ. ހަމަ އެހެންމެ، عبد الله رشيد އަށާއި، عياز جاد الله نسيم އަށާއި، عبد الله عبد المحسن އަށާއި، عَبْدُ الله نَعِيْمُ إِبْرَهِيْمُ އަށާއި، އަދި އެކިއެކި ބޭނުންތަކަށްޓަކައި މި تَفْسِيْرُ ގެ ދެލިކޮޕީތައް ޕްރިންޓްކޮށްދެއްވި ”ކޮޕިއަރރިޕެއަރ“ ގެ ވެރިންނަށާއި މުވައްޒަފުންނަށާއި، އަދި މި تَفْسِيْرُ ދިވެހިބަހަށް ތަރުޖަމާކޮށް ވުޖޫދު ކުރުމުގެ މަސައްކަތުގައި އެހީތެރިކަމެއް ފޯރުކޮށް ދެއްވި ކޮންމެ ފަރާތަކަށް ވެސް މާތްاللهُ سُبْحَانَهُ وَتَعَالَى ގެ ރުއްސެވުމާއި ފުއްސެވުމާއި ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރެއްވުމެވެ. ހަމަ އެފަދައިން، އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނަށާއި، ކާބަފައިންނަށާއި އަދި އެންމެހައި މުސްލިމުންނަށް، މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލެއްވުމެވެ.

އަދި އަޅުގަނޑަށާއި އަޅުގަނޑުގެ އަނބިދަރީންނަށާއި ގޭގެއަހުލުންނަށާއި، ޢާއިލާއަށް ވެސް މި މަތިވެރި މަސައްކަތުގެ ސަބަބުން، މާތްاللهُ سُبْحَانَهُ وَتَعَالَى ގެ ރުއްސެވުމާއި ފުއްސެވުން މިންވަރު ކުރައްވައި، އިސްލާމްދީނުގެ މާތް عَقِيْدَة ގެ މަތީގައި ލަހައްޓަވައި، ދެދުނިޔޭގެ ބާއްޖަވެރިކަމާއި فَلَاح އާއި كَامِيَابِيْ މިންވަރުކޮށް ދެއްވުމެވެ.

رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنْتَ السَّمِيْعُ الْعَلِيْمُ. وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيْمُ. دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌۚ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ. آمِيْن.

10 محرّم 1444

08 އޯގަސްޓް 2022

ޤާސިމް އިބްރާހީމް

ވިލާ ފައުންޑޭޝަން


بِسمِ ٱللَّهِ ٱلرَّحمَٰنِ ٱلرَّحِيمِ

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ ބަޔާނެއް

اَلْـحَمْدُ لله الَّذِي عَلَّمَ بِالقَلَمِ، عَلَّمَ الإنسَانَ مَا لَـم يَعْلَمْ، وَالصَّلَاةُ وَالسَّلَامُ عَلَى نَبيِّنَا وَمُعَلِّمِنَا مـُحَمَّدٍ صَلَّى الله عَلَيهِ وعَلَى آلِه وَصَحبِهِ وَسَلَّمَ وَالتَّابِعِينَ.

ކީރިތި ޤުރްއާނަކީ، އޭގެ އަލީގައި، އިންސާނާގެ ޙަޔާތް އާރާސްތުކުރުމަށްޓަކައި، ﷲ ތަޢާލާ ބާވައިލެއްވި، އިލާހީ ދުސްތޫރެވެ. މުސްލިމުންގެ އުޅުމާއި، ސުލޫކު ބިނާ ކުރަން ޖެހޭ ގޮތުގެ ޤާނޫނެވެ. ހިތާއި، ފުރާނަޔާއި، ޟަމީރުގެ ޣިޛާއެވެ. އެފޮތް ކިޔަވައި، ތަދައްބުރުކުރުމުން، ހިތްހަމަޖެހުމާއި، އުފާވެރިކަން ޙާޞިލުވެ، ހިތްތަކަށް ދިރުން ލިބެއެވެ. އެހެންކަމުން، ކީރިތި ޤުރްއާން ތިލާވަތުކުރުމާއި، އެފޮތް ދިރާސާކުރުމުގެ އިތުރުން، އޭގެ މާނައާ މެދު ފުންކޮށް ވިސްނުމަކީ، ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން އީމާންކަން ވަރުގަދަވެ، ޞައްޙަ ޢަޤީދާގައި ސާބިތުވުމަށް މަގުފަހިވާނެއެވެ. އަދި ކީރިތި ޤުރްއާނަކީ، ހިތްތަކުގެ ބަލިތައް ކަމުގައިވާ، ޙަސަދަ އާއި، ފާސިދު ޚިޔާލުތަކާއި، ޝައިޠާނީ ވަސްވާސްތަކުގެ ފަރުވާއެވެ. ކީރިތި ޤުރްއާން ފަހުމުވުމަށްޓަކައި، އޭގެ މާނައިގެ އިތުރުން، ތަފްސީރު ވެސް އުނގެނެން ޖެހެއެވެ. الإمَامُ ابْنُ عَبْدُ البَرُّ ވިދާޅުވެފައިވާ ގޮތުގައި، ޢިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޢިލްމަކީ، ﷲ ގެ ފޮތް ހިތުދަސްކޮށް، އެފޮތް ފަހުމުވުމެވެ. އަދި އެފޮތުގައިވާ އެއްޗެއް ފަހުމުކުރުމަކީ ވާޖިބެކެވެ.

އެންމެ ފުރަތަމަ ކީރިތި ޤުރްއާނުގެ ތަފްސީރު ބަޔާން ކުރެއްވީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެވެ. މިކަމަކީ، އެކަލޭގެފާނުގެ ރިސާލަތާ ގުޅިފައިވާ މަސްއޫލިއްޔަތެކެވެ. މިކަން ބަޔާން ކުރައްވައި، މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ”وَأَنزَلْنَا إِلَيْكَ الذِّكْرَ‌ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُ‌ونَ“ މާނައީ: ”އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ.“ ފަހުގެ ތަފްސީރު ފޮތްތަކުގެ ތެރެއިން، الشَّيخُ مـحَمَّدُ عَلِي الصَّابُونـِي ގެ " التَّفسِيرُ الوَاضِحُ الـمُيَسَّر" އަކީ، ވަރަށް މުހިއްމު ފޮތެކެވެ. އެއީ ވަރަށް ގިނަ ތަފްސީރު ފޮތްތަކެއްގެ ޚުލާޞާއެކެވެ. އެމަނިކުފާނު ކީރިތި ޤުރްއާން ތަފްސީރު ކުރައްވާފައި ވަނީ، ކޮންމެ މީހަކަށް ވެސް ފަސޭހައިން ދޭހަވާނެ ފަދަ، ސާދާ ޢިބާރާތުންނެވެ.

މިފަދަ މުހިއްމު ފޮތެއް، ދިވެހިބަހުން، ދިވެހި މުސްލިމު އަޚުންނާއި، އުޚުތުންނަށް ފޯރުކޮށްދެއްވިކަމީ، ވިލާ ފައުންޑޭޝަންގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހީމުގެ ހިތްޕުޅުގައި، އިސްލާމީ ޢިލްމަށް އޮތް ލޯތްބެއްގެ ބޮޑުކަމުގެ އަލިގަދަ ދަލީލެކެވެ. އަދި މިއީ ދިވެހިންގެ މެދުގައި ދީނުގެ ޞައްޙަ މަޢުލޫމާތު ފެތުރުއްވެވުމަށް އެމަނިކުފާނު ކުރައްވާފައިވާ ނުހަނު އަގުހުރި މަސައްކަތެކެވެ. އެންމެ މަތިވެރި މަސައްކަތަކީ، ކީރިތި ޤުރްއާނަށް ޚިދުމަތް ކުރުމެވެ. މި މަތިވެރި މަސައްކަތަކީ، ދެމިހުންނަނިވި ޞަދަޤާތެކެވެ. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ވިލާ ފައުންޑޭޝަންގެ ޗެއަރމަން އޮނަރަބަލް ޤާސިމު އިބްރާހީމުގެ މި މާތް މަސައްކަތް، ﷲ ތަޢަލާ ޤަބޫލުކުރައްވައި، މިފަދަ އިތުރު ޚިދުމަތްތަކަށް ތައުފީޤު ދެއްވައި، އެމަނިކުފާނުގެ ހެޔޮކަމުގެ މީޒާން ބަރުކުރައްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކުރެއްވުމެވެ. އަދި މިފޮތަކީ، ދިވެހިންނަށް މަންފާ ކުރުވަނިވި ފޮތެއް ކަމުގައި ލައްވައި، މިފޮތުގެ ސަބަބުން ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާނުގެ ލޯބި އިތުރު ކުރައްވައި، އިސްލާމު ދީނުގެ ހިދާޔަތުގެ މަތީގައި ސާބިތުކަމާއެކު ލެހެއްޓެވުމެވެ. އާމީން!

أَدعُو اللهَ تَعَالَى أن يَرزُقَنَا الإخْلَاصَ فيِ القَولِ وَالعَمَلِ، اللّٰهُمَّ عَلِّمنَا مَا يَنفَعُنَا، وَانفَعنَا بـِمَا عَلَّمتَنَا يَا عَلِيمُ. وآخِرُ دَعوَانَا أنِ الـْحَمدُ لله رَبِّ العَالَـمِينَ.

13 ޖުމާދަލްއާޚިރާ 1444

5 ޖަނަވަރީ 2023

އަލްމުޚްލިޞް

ޑރ. އަޙްމަދު ޒާހިރު

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް


بِسمِ ٱللَّهِ ٱلرَّحمَٰنِ ٱلرَّحِيمِ

[އަސްލު އަރަބި] މުއައްލިފުގެ މުޤައްދިމާ

الحمد لله أنار بكتابه المبين، عقول عباده المؤمنين، والصلاة والسلام على إمام الأنبياء والمرسلين، سيدنا محمد وعلى آله وصحبه أجمعين، وبعد.

މާއްދީ ފައިދާ ހުރިހާ ކަމަކަށް ވުރެ އިސްކުރެވި،މާއްދިއްޔަތުގެ އޮއިވަރުގައި އެންމެން ބެހިގެންގޮސް،އެމީހުން އަބާއްޖަވެރިކަމުން ސަލާމަތްކުރާނޭ އިލާހީ އަލިގަދަ ނޫރު ކަމުގައިވާ، الله ގެ ހިދާޔަތު ކުރިމަތީގައި އޮތް އިރުވެސް ތެދުމަގުން ކައްސާލައިގެންދާ ދުވަސްވަރެއްގައި، މުސްލިމުން މިވަނީ الله ގެ ފޮތް ރަނގަޅަށް ދެނެގަތުމަށް ނުހަނު ބޭނުންވެފައެވެ. އެހެންކަމުން، އިސްލާމީ އުއްމަތް ޢިއްޒަތާއި، ސިޔާދަތުގައި އޭގެ އަޞްލު މަޤާމަށް އަލުން ގެންގޮސްދިނުމަކީ ޢިލްމުވެރީންގެ މައްޗަށް ލާޒިމުކަމަކަށް މިވަނީ ވެފައެވެ. މިކަން ކުރެވޭނީ، އެބައިމީހުންގެ ބާއްޖަވެރިކަމާއި، ކާމިޔާބީއާއި، ދިންނެވުން އެއެއްޗެއްގައިވާ، މާތް الله ގެ ފޮތާއި އެބައިމީހުންނާ ދެމެދު އޮތް ގުޅުން ބޮޑުކޮށްގެންނެވެ.

މިހެންވެ، އަޅުގަނޑު މުއުމިނު އަޚުންނަށް މިހުށަހަޅަނީ التفسير الواضح الميسر (ބަޔާންވެގެންވާ ފަސޭހަ ތަފްސީރު) އެވެ.

މާތް الله އެބަޔަކާމެދު ހެޔޮ ގޮތް އިރާދަކުރެއްވި ބަޔަކަށް މިފޮތުން ފައިދާ ލިބޭނެ ގޮތް މެދުވެރިކޮށްދެއްވާނެ ކަމުގެ އުއްމީދުގައެވެ. މިއީ މައުޘޫރާއި މަޢުޤޫލުވެސް ހިމެނޭ ގޮތަށް، ފަސޭހަ އުސްލޫބަކުން، އާއްމު މީހުންނަށާއި، ޚާއްޞަ މީހުންނަށް ވެސް ވިސްނޭ ގޮތަށް އެކުލެވިފައިވާ ތަފްސީރެކެވެ. މިފޮތުގެ ފައިދާ ޢާއްމުކުރައްވައި،މިއީ އެކަލާނގެ ވަޖްހުފުޅަށް ޚާލިޞްކޮށް ކުރެވުނު މަސައްކަތެއް ކަމުގައި ލައްވަވައި،އެކަލާނގެ ދީނާއި ފޮތަށް ޚިދްމަތް ކުރުމުގެ ނަސީބު އަޅަމެންނަށް ދެއްވުން އެދި މާތް الله ގެ ޙަޟްރަތުގައި ދަންނަވަމެވެ. މަޤްޞަދު އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ މާތް الله އެވެ.

ޤުރްއާނާއި ޙަދީޘުގެ ޚާދިމް

މުޙައްމަދު ޢަލީ އައްޞާބޫނީ


بِسمِ ٱللَّهِ ٱلرَّحمَٰنِ ٱلرَّحِيمِ

ތަރުޖަމާކުރިމީހާގެ އިސްބަސް

اَلْحَمْدُ للهِ الّذِيْ أَنزَلَ الْقُرْآنَ، وَالصّلاَةُ وَالسَّلاَمُ عَلَى نَبِيِّهِ الّذِي كَانَ خُلُقُهُ الْقُرْآنَ، وَعَلَى آلِهِ وَصَحْبِهِ أولِي التُّقَى والْإِيمانِ، وَبَعْدُ.

ކީރިތި ޤުރްއާނަކީ އިންސާނިއްޔަތަށް ހިދާޔަތެއް ކަމުގައި ބާވައިލެއްވި އިލާހީ ކަލާމްފުޅު ކަމުގައި ވީ ހިނދު، އެފޮތުގައިވާ އެއްޗެއް ރަނގަޅަށް އެނގުމަކީ މުހިއްމު ކަމެކެވެ. ޤުރްއާން ތަފްސީރުކޮށް އެ މަތިވެރި ފޮތުގައިވާ އެއްޗެއް މީސްތަކުންނަށް ފަސޭހައިން ވިސްނައިގަނެވޭ ގޮތް ހެދުމަކީ ކުރާން ޖެހޭ ކަމަކަށް ވަނީ އެހެންވެގެންނެވެ. އެ ޒަމާނުގައި ތަފްސީރު ޢިލްމުގެ ނަމުގައި ވަކި ޢިލްމެއް އުފެދިފައި ނެތަސް، ރަސޫލުالله ﷺ ގެ ޒަމާނުގައި ވެސް ޤުރްއާން ތަފްސީރު ކުރެވިފައިވެއެވެ. އަބްދުالله ބިން ޢައްބާސް رضي الله عنهما އާއި ޢަބްދުالله ބިން މަސްޢޫދު رضي الله عنه އަކީ މަޝްހޫރު މުފައްސިރުންނެވެ. އޭރުއްސުރެ ހިޖްރައިން ތިންވަނަ ޤަރުނުގެ ތެރޭގައި މުޅި ޤުރްއާނުގެ ތަފްސީރު ވަކިފޮތެއްގައި ލިޔެވުމާ ހަމައަށް ވެސް މުސްލިމް ޢިލްމުވެރީން ގެންދެވީ ތަފްސީރު ކުރައްވަމުންނެވެ. އަޅުގަނޑުމެންގެ މިޒަމާނާ ހަމައަށް އައިއިރު ތަފްސީރުގެ އެތައް ސަތޭކަ ޢިލްމުވެރީންނެއް އުފެދި އެތައް ސަތޭކަ ތަފްސީރެއް ވަނީ ލިޔެވިފައެވެ. ކީރިތި الله ދިވެހީންނަށް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު މިންވަރުކުރެއްވި ފަހުން އަށެއްކަ ޤަރުނު ފާއިތުވެގެން ދިޔަ އިރުވެސް ދިވެހި ބަހުން ލިޔެވިފައިވާ، ނުވަތަ ދިވެހި ބަހަށް ތަރުޖަމާކުރެވިފައިވާ ތަފްސީރު މަދުކަން އިޙްސާސް ކުރެވެއެވެ. ޤުރްއާން އެކުގައި ތަފްސީރު ކުރުމަކީ ނުވަތަ އެފަދަ ފޮތެއްގެ ތަރުޖަމާ ކުރުމަކީ ބުރަ މަސައްކަތަކަށްވާތީ އެކަމަށް ކުރިމަތިލާ މީހުން މަދުވަނީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެ މީހަކަށްވެސް ކިޔައިލާން ފަސޭހަ އަތަށް ލުއި ތަފްސީރެއް ދިވެހީންނާ ހަމައަށް ގެނެސްދިނުމަކީ މުހިއްމު ކަމެއްކަން ޔަޤީނެވެ. އަޅުގަނޑަކީ ވެސް މާތްވެގެންވާ މަދީނާގެ ޖާމިޢާ އިސްލާމިއްޔާއިން އިސްލާމީ ތަޢުލީމު އުނގެނި އަދި ޢަރަބި ބަހަށް ތަޚައްޞުޞުވެގެން ހުރި މީހަކަށް ވެފައި، ތަރުޖަމާ ކުރުމަކީ ޚާއްޞަކޮށް ބަހުގެ ދާއިރާގެ ކަމަކަށް ވާތީ މިކަމުގެ ޝައުޤުވެރިކަން އަބަދުވެސް އޮވެއެވެ. އެހެންނަމަވެސް ވަގުތާއި ޙާލަތު ހުންނަ ގޮތުން އެކަން ނުކުރެވި ހުއްޓައި، އެކަން ކޮށް ދެއްވުން އެދިވަޑައިގެން އޮނަރަބަލް ޤާސިމް އިބްރާހީމް ހުށަހަޅުއްވައި، މިކަމަށް ޓަކައި ޢަރަބި ބަހުން އޮތް ކުރު އަދި ލުއި ތަފްސީރެއް ކަމަށް ވާ، التفسير الواضح الميسّر (ބަޔާންވެގެންވާ ފަސޭހަ ތަފްސީރު)، އަޅުގަނޑާ ޙަވާލު ކުރެއްވުމުން މި މަސައްކަތަށް ފަށައިގަނެވުނީއެވެ. މިކަމަށް ކުރިމަތިލީ މިއީ ބޮޑު އިމްތިޙާނެއްކަން އެނގިހުރެއެވެ. މިހެން މި ދެންނެވީ މި ކަމަކީ މާތް ﷲގެ ކަލާމްފުޅާ ގުޅިފައިވާ ކަމަކަށް ވެފައި އެކަމުގެ ބޮޑުކަން އިޙްސާސްކުރެވޭތީއެވެ. ކޮންވެސް ވަރެއްގެ ފަސްޖެހުމަކާއެކުވެސް، ކީރިތި اللهގެ ޙަޟްރަތުން ވާގި އެދިހުރެ ތަރުޖަމާކުރުމުގެ މަސައްކަތް ފަށައިގަތީ މި ބުރަ އަދި މަސްއޫލިއްޔަތު ބޮޑު މަސައްކަތް، ރަނގަޅު ގޮތުގައި ނިންމުމުގެ ތައުފީޤު ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ޙާލުގައެވެ.

ޢަރަބި ބަހުން މި ތަފްސީރު ލިޔުއްވައިފައިވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޢަލީ އައްޞާބޫނީއަކީ ތަފްސީރުގެ ފަންނަށް އާ ބޭފުޅެއް ނޫނެވެ. ސޫރިޔާއަށް އުފަން، އޭނާގެ ޢިލްމީ ޙަޔާތުގެ ބޮޑުބައެއް މާތްވެގެންވާ މައްކާގައި ހޭދަކުރެއްވި އައްޞާބޫނީ ވަނީ ޤުރްއާނުގެ ޢިލްމާއި ފިޤުހުގެ ތިރީހަށް ވުރެ ގިނަ ފޮތް ލިޔުއްވައިފައެވެ. އޭނާގެ ފާހަގަކޮށްލެވޭ ތަފްސީރުތަކުގެ ތެރޭގައި مختصر تفسير ابن كثير، مختصر تفسير الطبري، صفوة التفاسير އަދި މި ފޮތް التفسير الواضح الميسر ހިމެނެއެވެ. التفسير الواضح الميسر އަކީ ފަސޭހަ ޢިބާރާތުން ކުރުކޮށް ލިޔުއްވައިފައިވާ ތަފްސީރެކެވެ. ވިސްނައިގަންނާން ފަސޭހަ ޢިބާރާތުން މިޒަމާނުގެ މީހުންނަށް އުނދަގުލަކާ ނުލައި ފަހުމުވާ ގޮތަށް ކުރައްވައިފައިވާ މިތަފްސީރުގައި އާޔަތްތައް ބާވައިލެއްވުނު ސަބަބު ގެންނަވައިފައި ވެއެވެ. އަދި އިބްނު ޢައްބާސާއި މުޖާހިދާއި އަދި އިބްނު ކަޘީރު ފަދަ މުފައްސިރުންގެ ބަސްފުޅުތައް ގެންނަވައިފައި ވެއެވެ.

މިތަފްސީރު ދިވެހި ބަހަށް ގެނައުމުގައި އަޅުގަނޑު ގެންގުޅުނު އުޞޫލުތައް ފާހަގަކޮށްލާނަމެވެ. މިއީ އައްޞާބޫނީގެ ތަފްސީރުގެ ތަރުޖަމާއަކަށް ވެފައި، އެފޮތް ތަޙްޤީޤުކުރުން ކަމުގައި ނުވާތީ، ތަފްސީރުގައި ގެންނަވައިފައިވާ ޙަދީޘުތައް ވާނީ އޭނާ ގެންނަވައިފައިވާ ގޮތަށް ދިވެހި ބަހަށް ތަރުޖަމާކޮށްފައެވެ.

އައްޞާބޫނީ ވަނީ ކޮންމެ ޞަފްޙާއެއް ފެށޭއިރު ގިނަ އާޔަތްތަކެއް އެކުގައި ގެންނަވައިފައި އެއާޔަތްތަކުގެ ތަފްސީރު އެކުގައި އެ ޞަފްޙާގައި ލިޔުއްވައިފައެވެ. ދިވެހި ތަރުޖަމާގައި އާޔަތްތަކުގެ ތަފްސީރު ވަކީން ދެނެގަންނާން ފަސޭހައަކަށް، ކޮންމެ އާޔަތެއްގެ ތަފްސީރު ވާނީ އެއާޔަތެއްގެ ދަށުގައި ވަކީން ލިޔެފައެވެ. މިހެން ދެންނެވިޔަސް މާނަ ގުޅިފައިވާ ބައެއް އާޔަތްތައް އެކުގައި ގެނެސްފައި ވާނެއެވެ. މިއީ ކީރިތި ޤުރްއާނުގެ ލަފްޒީ ތަރުޖަމާއެއް ނޫނެވެ. ޢަރަބި ބަހުން ލިޔެފައިވާ ތަފްސީރެއްގެ ތަރުޖަމާއެވެ. އެހެންކަމުން އާޔަތްތަކުގެ ތަފްސީރުގައި މުފައްސިރުގެ އަމިއްލަ ޢިބާރާތްތައް ހިމެނިފައި ހުންނާނެއެވެ. އެޢިބާރާތްތައް އާޔަތުގެ ލަފްޒީ ތަރުޖަމާއާ ތަފާތުވާނެއެވެ. މިކަމުގެ ސަބަބުން އޮޅުން ނާރާނެ ގޮތް ހެދުމަށްޓަކައި، އާޔަތްތަކުގެ ތިރީގައި އެއާޔަތްތަކުގެ ދިވެހި ތަރުޖަމާ ވަކީން ލިޔެފައިވާނެއެވެ. ތަރުޖަމާ ނަގައިފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވައިފައިވާ އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާއިންނެވެ. ތަފްސީރު ދިވެހި ބަހަށް ގެނައިއިރު، ދިވެހި ބަހުން ޢިބާރާތް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދިވެހި ތަރުޖަމާގެ އެހީ އަޅުގަނޑު ހޯދީމެވެ. އައްޞާބޫނީ ތަފްސީރު ލިޔުއްވައިފައިވަނީ މިޒަމާނުގެ ފަސޭހަ ޢަރަބި ބަހުން ކަމުގައި ވާތީ، ދިވެހި ތަރުޖަމާގައިވެސް މާ މުސްކުޅި ޢިބާރާތް ބޭނުން ނުކޮށް މިހާރަށް ކަމުދާ ގޮތަށް ފަސޭހަ ޢިބާރާތުން ލިޔާން މަސައްކަތްކޮށްފައި ވާނެއެވެ. އުއްމީދަކީ މި މަސައްކަތަކީ ދިވެހި މުޖްތަމަޢުން ބަލައިގަންނަ، ގިނަ ބަޔަކަށް ފައިދާކުރާނެ މަސައްކަތަކަށް ވުމެވެ. މިކަމުގައި އަޅުގަނޑަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް މާތް الله ހެޔޮ ޖަޒާ ދެއްވާށިއެވެ. ދިވެހީން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އަބަދުމެ ލަހައްޓަވާށިއެވެ. آمين

01 ރަބީޢުލްއައްވަލު 1438 ހ.

30 ނޮވެންބަރު 2016 މ.

ޖަވާހިރުވާދީ

ސ. ހިތަދޫ

މުޙައްމަދު ޢަބްދު الله


Technical notes regarding the database text

Text from Quranthafseeru

Last updated here: 3/9/24

Translation json columns:

1. Thafseer/translation (rasmee)

2. Thafseer/thafseer

3. Thafseer/title (title of notes that come after it, like sababunuzool, or info about a whole surah)

4. Thafseer/note (additional notes)